ހެޔޮކަމުގެ މައްސަރު - ހަޔާތުގެ އުންމީދުތަކާއެކު

image

ރަމަޟާން މަހަކީ މުސްލިމުންނަށް ވަކިން ޚާއްސާ މައްސަރެކެވެ. އަޅުގަކަމާއި ތަގުވާގެ މައްސަރެކެވެ. ރުއްސެވުމާއި ފުއްސެވުމުގެ މައްސަރެކެވެ. މިއަހަރުގެ ރަމަޟާން މަހަށް މަރުހަބާ ކިޔާހިނދު އެމަހުގެ އެންމެމަތިވެރި މަންފާ ލިބިގަތުމަށް ނިޔަތްގަނެ އެގޮތުގައި ހިންމަތްކުރުން ހުއްޓެވެ.

ރަމަޟާން މަހަކީ ނުވަތަ ރޯދަ މަހަކީ ރޯދައާއި އަޅުކަމުގެ ޚާއްސަ މައްސަރެކެވެ. އެހެންކަމުން ރޯދަމަސް ވާންޖެހެނީ ވެސް އަދި ވަނީ ވެސް ދީނީ ގޮތުން އިސްކަންދެވޭ އަޅުކަމުގެ މައްސަރަކަށެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މިކަން ދަނީ ވަންހަނާވެ މާއްދީބައި ބޮޑުވަމުންނެވެ. ރޯދަ މަހަކީ ވީހާ ގިނަ ބާވަތްތަކުގެ ކާބޯތަކެތީގެ މައްސަރެއްގެ ކަމަށް ބެލެވި އެގޮތުން ކުރެވޭ ހޭދައަކީ އިސްރާފުކަމުގައި ބަލަން ޖެހޭ ހިސާބަށް ބައެއް މީހުންގެ އަމަލުތައް އެބަދެވެ.

މިދެންނެވި އެއްޗަކަށް އެންމެ ސާފު ހެތްކެއް ދޭނީ އެއްވެސް ޝައްކެއް ނެތި މާލޭގެ ކުނިގޮނޑެވެ. އުކައިލެވިފައި ހުންނަ ކާބޯތަކެއްޗާއި އޭގެ ބާވަތްތަކާއި، ކުންޏަށް ބަދަލުކޮށްފައިވާ ތަކެތީގެ އަގުތައް ބަލައިލުމުން ހައިރާން ވެގެންދެއެވެ. އެހެންކަމުން އިންސާނާގެ ދީލަތިކަން އިސްރާފުގެ މަގަށް ނުގެންގޮސް ﷲގެ މަގަށް ދީލަތިކަން ސީދާކުރުން ހުއްޓެވެ.

ދެވަނަ ކަމަކަށް ފާހަކަ ކުރެވެނީ ރޯދަމަހަކީ ކުޅިވަރު ކުޅުމާއި މަޖާކުރުމާއި ނާޗަރަންގީގެ މައްސަރެއް ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތުމެވެ. އާންމު ދިރިއުޅުމުގައި ނޯންނަ މިންވަރަކަށް ތާސްކުޅުމާއި، މިޒާތުގެ އެކި ކަންކަމުގައި ވަގުތު ހޭދަވެގެން ދިއުމެވެ. މިމަގަށް ބުއްދި ގެންގޮސްދޭ ސަގާފަތެއް ދިވެހިންނަށް ލިބިފައި އެބައޮތެވެ. އެއީ ރޯދަކުރުކުރުމެވެ. ރޯދަ ކުރުމުގެ މާނަ ކަމުގައި ބަސްފޮތް ބުނަނީ އެއީ ރޯދަމަހުގެ ދުވާލު ފޫހިފިލުވުން ކަމުގައެވެ. މިގޮތް މަތިން ފޫހިފިލުވުމަށްޓަކައި ކުރެވޭ ކަންތައްތަކަކީ ރޯދައިގެ މަގުސަދުން ދުރަށް ގެންދާ ކަންތައްތައް ކަމުގައި ވެފައިވާ ތާރީޚެއް އަޅުގަނޑުމެންނަށް ލިބިފައިވެއެވެ. ނަމަވެސް މިކަންކަމާ ވިސްނައި، ރޯދަކުރުކުރުމަކީ ރޯދައިގެ މަގުސަދަށް ސީދާވެފައިވާ އަމަލުތަކެއް ކުރުން ކަމުގައި ހަދަން ޖެހިއްޖެއެވެ.

ރޯދަމަހަކީ ރޯދަ ހިފުމުގެ އިތުރުން އެހެނިހެން އަޅުކަންކޮށް އިޖުތިމާއީ ގޮތުން ތިމާގެ ސުލޫކު ރަނގަޅުކުރަން އެންމެ ރަނގަޅު ވަގުތެވެ. އެހެންމީހުންނާ މެދު އަމަލުކުރާ ގޮތާއި، މުޖުތަމައުގައި ތިމާ ހިމެނޭ މަގާމުގެ ގޮތުން ކުރަންޖެހޭ ކަންކަމަށް ވިސްނައި ކަސިޔާރު ވެފައިވާ ކޮންމެ ކަމެއް ހެޔޮމަގަށް ގެންނަންވީ ވަގުތެވެ. އެހެންކަމުން މި ބަރަކާތްތެރި ރަމަޟާން މަހަކީ އޭގެ އެންމެ މަތިވެރި ސަވާބާއި މަންފާ ލިބިގަނެވޭ މައްސަރެއް ކަމުގައި ހެދުމަކީ ކުރަން ވެއްޖެ ކަމެކެވެ.

އިންސާނާގެ ހަޔާތުގައި ނުފުދިފައިވާ އުންމީދުތަކަށް ހިތްހެޔޮކަން ގެނެސްދެނީ ތަގުވާއެވެ. މިއީ ތަގުވާގެ މައްސަރެވެ. ދުނިޔޭގެ އުނިކަމާއި ބޭއިންސާފުގެ ތަޖުރިބާތަކަށް ފަހު ދެމިއޮންނަނިވި ހަޔާތަށް ކުރާ ދަތުރުގައި ރަމަޟާން މަހަކީ އުންމީދުގެ މައްސަރެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ރެއެއްގެ ސަވާބާއި ދަރުމަ ލިބޭ ރެއަކާއެކު ބައްދަލުކުރާ މައްސަރެވެ. އެހެންކަމުން ހަޔާތުގެ ނުފުދިފައިވާ އުންމީދުތަކާއެކު މީހާ އިސްލާހުވެ ތަގުވާގެ މަގުން ކުރިއަރައި ގޮސް މިހާތަނަށް ނުފުދިފައިވާ އުންމީދުތައް ހާސިލްކުރުމަށް އޮތް އެންމެ ރަނގަޅު ފުރުސަތަކީ ރަމަޟާން މަސް ކަމާ މެދު ޝައްކެއް ނެތެވެ.

މި ރަމަޟާން މަހަކީ އެންމެހައި މުސްލިމުންނަށް ކާމިޔާބާއި ބާއްޖަވެރިކަން ގެނުވައިދޭނެ މައްސަރެއް ކަމުގައި ލެއްވުން އެދި ދުއާކުރަމެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް