ކަރުނައިގެ އީދު

image

މިއަދަކީ ބަރަކާތްތެރި ފިޠުރު އީދު ދުވަހެވެ. ނަމަވެސް މުސްލިމުން އީދުގެ ވެދުން ކުރުމަށްޓަކައި ރޭ ފަތިސްދަމަށް ތުންހުޅުވުނު ފިނިފެންމާތަކުގެ ކަރުގަނޑުން ފިޔަތަކުގެ މައްޗަށް ކޯރު ދެމެމުން އެދަނީ ޝަބްނަމުގެ ތިކިތަކެއް ނޫނެވެ. ފަލަސްޠީނުގެ މުސްލިމުންގެ ހާލަށްޓަކައި ލޯތަކުން އޮހޮރެމުންދާ ވޭނީ ކަރުނަތަކެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައިގެ އަޅުކަމަށް ފަހު މިއަދަކީ މުސްލިމްތަކުން އުފާކުރާން އޮތް އީދު ދުވަހެވެ. ނަމަވެސް މިއަދަށްޓަކައި ހުރި އުފާތަކުން ހިއްސު ކެނޑިފައިވަނީ ފަލަސްޠީނު މުސްލިމުންގެ އަދުގެ ހާލާމެދު ކުރެވޭ ފިކުރުންނެވެ. ޣައްޒާގައި ދިރިއުޅޭ މުސްލިމުން މި ރަމަޟާން މަސް ހޭދަކުރީ ބޮމާއި މިސައިލާއި ބޮޑުބަޑީގެ އުންޑަ އޮހިއޮހި ހުރި ޠޫފާނެއްގެ ތެރޭގައެވެ. ކޮންމެ ދުވަހަކީ އަދި ކޮންމެ ރެއަކީ ކަރުނައިގެ އާ ކޯރެކެވެ. ލޭގެ އާ ކަނޑެކެވެ.

ދުނިޔޭގެ އެއްވެސް ގާނޫނީ ހަމައެއް ނެތި، އިންސާނިއްޔަތުގެ ކުޑަ ކަންފުޅެއް ވެސް ނެތި، އިޒުރޭލުން ދެމުންދާ އަނިޔާވެރި ރަހުމެއް ނެތް ހަމަލާތަކުން، އެދަނީ އެއްބަޔަކު މަރުވަމުންނެވެ. އަނެއް ބަޔަކު ދިރިތިއްބާ އަނދަމުންނެވެ. އަނެއް ބަޔަކު މަރުފަދަ ވޭންދެނިވި ޒަޚަމްތަކަކާ އެކު މަރާ ހަނގުރާމަ ކުރަނީއެވެ. މައިންނާއި ޅަދަރިން ވަކިވެއްޖެއެވެ. އަނބިންނާއި ފިރިން ވަކިވެއްޖެއެވެ. އަންހެނުން ހުވަފަތް ވެއްޖެއެވެ. ޅަދަރިން ޔަތީމުވެއްޖެއެވެ. ޣައްޒާގެ މަގުތައް މަތިން ސައިލު ދެމެމުން އެދަނީ އެބިމުގެ އަހުލުވެރިންގެ ސާފު ލެއެވެ. މި އަނިޔާވެރިކަން ދުށުމުގައި ދުނިޔޭގެ ލޯތައް ވަނީ ކަނުވެފައެވެ. މި ޝަކުވާ އަޑުއެހުމުގައި ދުނިޔޭގެ ކަންފަތް ވަނީ ބީރުވެފައެވެ.

މި ހާލަތުގައި ރިހޭ ފައިމައްޗަށް ފޮއި ވެއްޓުމުގެ ތަދަކަށް ވެފައިވަނީ އިޒުރޭލުގެ މި އަނިޔާއަށް މުސްލިމުންގެ ނަމުގައި ތިބި ބަޔަކު އެހީތެރިވާ ކަމުގެ ވޭންދެނިވި ޚަބަރެވެ. މުސްލިމުންގެ ބޯ ކަމުގައި ބެލެވުނު މިސްރާއި، އަރަބިންގެ ވަރަ ކަމުގައި ހީކުރެވުނު އިމާރާތުން މި އުދުވާނަށް ވާގިވެރިވާ ވާހަކައެވެ. މުޖާހިދުންގެ ހިތްވަރު ނައްތައިލުމާއި، އަމިއްލަ ބިމުގައި ވަޒަންވެރިވުމުގެ ހައްގަކީ ބިރެއް ކަމުގައި ހެދުމަށްޓަކައި ރޭވިގެން ހިނގާ ގަތުލުއާންމުގައި މުސްލިމުން ބައިވެރިވުމަށްވުރެ މިބިންމަތީގައި ވަކީން ހުތުރުކަން ބޮޑީ ކޮން ކަމެއްގައި ހެއްޔެވެ؟

ދުނިޔޭގެ ހަބިތުން ފިތިފައިވާ ޣައްޒާގެ ރައްޔިތުންގެ ގެދޮރު މުގުރައިފިއެވެ. ބޯފެން ބަންދުކޮށްފިއެވެ. އިންޖީނުގެތައް ގޮއްވައިލައިފިއެވެ. ކާރުޚާނާތައް ކުދިކުދި ކޮށްފިއެވެ. ހޮސްޕިޓަލުތައް ފުނޑުފުޑު ކޮށްފިއެވެ. މައިންގެ އުނގުން ޅަދަރިންގެ ރައްކާތެރިކަން ފޭރިގެންފިއެވެ. ފިރިހެނުންގެ މުލައްދަނޑީގެ ހިމާޔަތުން އަންހެނުން ދުރަށްލައިފިއެވެ.

މި ހާލާ މެދު ހަމްދަރުދީ ވާހުށީ ކާކުހެއްޔެވެ؟ ޝައްކެއް ވެސް ނެތެވެ. އެއީ ﷲ އެވެ. ﷲގެ ނަންފުޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީވުމުގެ އެންމެ ހައްގުކަން ބޮޑީ މުސްލިމުންނެވެ.

އަޅުގަނޑުމެންގެ މިސްކިތްތަކުން އިއުލާންވެގެންދާ ﷲ އަކްބަރުގެ ކަލިމަތަކާއި މަސްޖިދުލް އަޤްޞާގެ މުންނާރުތަކުން އުފުލިގެންދާ ކަލިމަތަކާ އެބަ ބައްދަލުވެއެވެ. ރޫޙާނީ ބާރަކުން ހިތްތައް އެބަ ދިރުވައިދެއެވެ. އިންސާނިއްޔަތުކަމަށް އެނބުރި އައުމަށް މި ދިރުން އެބަ ގޮވައިލައެވެ.

އީދަކީ މުސްލިމެއްގެ ހައިސިއްޔަތުން ލިބިގަންނަ އުފަލަކަށް ވީހިނދު މިއަދުގެ ޝުޢޫރުތައް މަތިވެރިއެވެ. އެތަކެއް ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނެއް ފަސްދާނުލެވިފައިވާ ބިން، މުސްލިމުންގެ ލެއިން ކަޅިވަމުންދާހިނދު އީދުގެ އުފާ އުފެދިގެން އަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ ހަމަކަށަވަރުން ވެސް މި "އީދު އައީ އުފަލުން ހެމުން، މާމަލުގައި ނަލަ ކުލަޖައްސަމުން" ނެއް ނޫނެވެ. މާމަލުގައި ލޭގެ ކުލަޖައްސަމުންނެވެ.

އެންމެހައި މުސްލިމުންނޭވެ. މިއީ ޒަކާތާއި ސަދަގާތުގެ ވަގުތެވެ. ޣައްޒާގެ ރައްޔިތަކަށް އެންމެ ބޯފެންތިއްކެއް ދެއްވާށެވެ. މައުސޫމް ކުޑަކުއްޖެއްގެ އެންމެ ލޭތިއްކެއް ވިޔަސް ހިމާޔަތް ކޮށްދެއްވާށެވެ. އެކުދިން ތިބީ މެޔާލައި ބޮޑިކޮށްލުމަށްޓަކައި އަޅުގަނޑުމެންގެ އަތުޖެހޭ ހިސާބަށްވުރެ މާދުރުގައެވެ. އެހެންކަމުން އެހީތެރިވާން ޖެހިފައި މިވަނީ އެކަމަށް އޮތް ފުރުސަތަކުންނެވެ. ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށް ދިނުމަށް ދިވެހި ރެޑްކްރެސެންޓާއި އެނޫން ވެސް އެތައް ބަޔަކު ވަނީ މަގު ހުޅުވައިދީފައެވެ. އެ މަގުތަކުން ތަންހޯދައި ޣައްޒާގެ ރައްޔިތުންނާ މެދު އޮތް އަޚުވަންތަކަމުގެ ހައްގު އަދާކުރުމަކީ މި އީދުގެ ފުރަތަމަ އުފާކަމުގައި ހަދަމާތޯއެވެ؟

 

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް