އާ އަހަރާއި އާ މަންހަޖު: އުންމީދު ކުރެވެނީ ކޮން ނަތީޖާއަކަށް؟

ހަޔާތުގެ އުންމީދުތައް އިތުރުކުރުވަމުން ތައުލީމީ އާ އަހަރެއް ފެށުނީއެވެ. މިއަހަރަކީ ދިވެހިރާއްޖޭގެ ތައުލީމުގެ ގައުމީ މަންހަޖު (ނޭޝަނަލް ކަރިކިއުލަމް) އަށް 30 އަހަރު ފުރި 31 އަށް ފެށޭ އަހަރެވެ.

ރާއްޖޭގެ ތައުލީމުގެ ގައުމީ މަންހަޖެއް ފުރަތަމަ ތައާރަފު ކުރީ 1984ގައެވެ. އޭގެ ފަހުން އެއަށް ބަދަލުތަކެއް އައިސްފައިވެއެވެ. އަންނަންޖެހޭ ބަދަލުތަކެވެ. ގައުމުގެ ތަރައްގީގެ މިސްރާބަށް އަންނަ ބަދަލުތަކާއި ބަދަލުވަމުންދާ ހާލަތެ މައްޗަށް ކަނޑައެޅޭ ސިޔާސަތުތަކާ އެއްގޮތަށް ބަދަލު އައުމަކީ ގައުމީ މަންހަޖެއްގައި ހުންނަން ޖެހޭ ސިފައެކެވެ. އެހެންކަމުން އިސްވެ ދެންނެވުނު ބަދަލުތަކަކީ ޠަބީޢީ ބަދަލުތަކެކޭ ދެންނެވިދާނެއެވެ.

މި ފެށުނު އާ އަހަރުގައި ތަންފީޒު ކުރަން މިފެށުނީ މުޅިން އާ މަންހަޖެކެވެ. މިއީ ވޭތުވެދިޔަ ހައެއްކަ އަހަރުތެރޭގައި ވެސް އަޑުއަހަމުން އައި ޚަބަރެކެވެ. އިންތިޒާރު ކުރެވިއްޖެއެވެ. އުންމީދުތައް ދިގުލައިފިއެވެ. އެންމެ ފަހުން އާ މަންހަޖަށް ވަކި ގުރޭޑްތަކެއްގައި ކިޔަވައިދޭން މިއަދު ފެށުނީއެވެ. އުފާ ހުއްޓެވެ.

މިހިސާބުން ކޮށްލަން ރަނގަޅު އެއް ސުވާލަކީ ގައުމީ މަންހަޖު ނުވަތަ ކަރިކިއުލަމަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. މިއަށް ލިބޭ ޖަވާބުތައް ތަފާތެވެ. މި މާނައިގައި މަންހަޖަކީ، ނުވަތަ ކަރިކިއުލަމަކީ، މުޖުތަމައުން އެ މުޖުތަމައުގެ ހުރިހައި ފަރުދުންގެ ކިބައިގައި އަށަގެންނެވުމަށް ކަނޑައަޅައިފައިވާ އިލްމާއި ހުނަރާއި އުސޫލާއި އަޚުލާޤާއި ސަގާފީ ގޮތްތަކާއި ޢަޤީދާ ހިމެނޭ ތައުލީމީ ޕްރޮގްރާމެކެވެ. ގިނަ ފަހަރަށް މި ޕްރޮގްރާމް ރަމްޒު ކުރެވެނީ ތިން ކަމެއްގެ މައްޗަށެވެ. އެއީ މައުލޫމާތާއި، ހުނަރާއި، ސުލޫކެވެ. މި ހުރިހައި ބައިތަކަކީ 1984 ގައި ތައާރަފުކުރި މަންހަޖުގައި ވެސް ހުރި ސިފަތަކެކެވެ.

އާ މަންހަޖުގައި އަލަށް ހިމެނެނީ ކޮންއެއްޗެއް ހެއްޔެވެ؟ އިސްވެ ބަޔާން ކުރެވުނު ކަންތައްތަކުގެ އިތުރަށް އާ މަންހަޖުގައި ހިމެނެނީ އިޖުތިމާއީ އަގުތަކާއި ސިފަތަކާއި ގާބިލުކަމުގެ ބައެވެ. ދުނިޔޭގެ ރައްޔިތެއްގެ ހައިސިއްޔަތުން ބަވަނަ ވަންތަ ދުނިޔެއެއްގައި އުޅެން ބޭނުންވާ ގާބިލުކަމުގެ ބައެވެ. ސިޔާސީ މަސްރަހުގައި މި ކިޔާ ހަޖަމުކުރުމުގެ ބައިވެސް މީގައި ހިމެނޭ ގޮތުންނެވެ. ގުރުއާނާއި ސުންނަތަށް އަމަލުކުރުން ދިވެއްސަކު އުފެއްދުމަކީ އާ މަންހަޖުގެ މުހިންމު ސިފައެކެވެ.

ރަސްމީކޮށް މި މާނައިގައި މަންހަޖު މާނަ ކުރެވުނަސް މީގެ އެހެން ފަޅިއެއް އޮވެއެވެ. މިގޮތުގައި ވިސްނާއިރު ސުކޫލުން ކުއްޖާއާ ކުރިމަތިކުރުވާ އެންމެހައި ކަންކަމަކީ ތައުލީމުގެ ގައުމީ މަންހަޖެވެ. ސުކޫލުން ނުވަތަ ސުކޫލުގެ ވަކި މީހަކު ކުއްޖާއާ ދޭތެރޭ އަމަލުކުރާ ގޮތަކީ ވެސް މަންހަޖެވެ. ކަރިކިއުލަމެވެ. މިއަށް "ހިޑްން ކަރިކިއުލަމް (ފޮރުވިފައިވާ މަންހަޖު) އޭ ކިޔައެވެ. އެއީ ކަރިކިއުލަމްގައި ލިޔެފައި ނެތަސް ކުއްޖާއާ މެދު އަމަލުކުރެވޭ ގޮތަކީ ކުއްޖާގެ ވިސްނުމާއި އިހުސާސާއި މައުލޫމާތާއި ސުލޫކަށް ބަދަލު އަންނަ ކަމަކަށް ވާތީއެވެ. ލިޔެފައިވާ ކަރިކިއުލަމެކޭ އެއްފަދައިން ކުއްޖާއަށް މިއިން އަސަރު ކުރާތީއެވެ. މިއީ އާ މަންހަޖު ތަންފީޒު ކުރާ މުނާސަބަތުގައި މުހިންމު ނުކުތާއެކެވެ. އާ މަންހަޖުގައި ރަސްމީކޮށް ލިޔެފައިވާ ބައިތަކުގެ މައްޗަށް ފޮރުވިފައިވާ މަންހަޖުގެ ނުފޫޒު ފޯރާނީ ކިހައި ވަރަކަށްތޯ ބަލަން ޖެހެއެވެ. ސަބަބު ވަރަށް ގިނައެވެ.

ތަޖުރިބާ ކުރެވިފައިވާ ގޮތުން ކަށަވަރުކަމާ އެކު ބުނަން ޖެހެނީ ރާއްޖޭގެ ސުކޫލްތަކުގައި ކިޔަވައިދެނީ ވެސް އަދި އިމްތިހާނު ކުރެވެނީ ވެސް މުދައްރިސުން ޓީޗަރސް ޓްރޭނިންގައި ތަމްރީނު ހަދައިފައިވާ ގޮތަށް ނޫން ކަމަށެވެ. މިކަމާ އެއްވެސް މުދައްރިސަކު އިންކާރު ކުރާނެއެކޭ ހިއެއް ނުވެއެވެ.

މުދައްރިސުން ތަމްރީނު ކުރާއިރު ކޮންމެ ގޮތަކަށް ތަމްރީނު ކުރިއަސް އޭނާ އަމަލުކުރަން ޖެހެނީ ވަޒީފާ އަދާކުރާ ސުކޫލުގައި އަށަގެންފައި އޮންނަ ސަގާފަތަކަށެވެ. މި ސަގާފަތުގެ މައްޗަށް ޕްރިންސިޕަލުންގެ ވެސް ބަސްވިކޭތަނެއް ވެސް ނުފެނެއެވެ. އެހެންކަމުން ކަންކުރަން ލިޔެ ބަޔާން ކޮށްފައިވާ ގޮތާއި ކަން ކުރެވެމުންދާ ގޮތުގައި ބޮޑު ތަފާތެއް އެބައޮތެވެ.

ތައާރަފު ކުރެވުނު އާ މަންހަޖަކީ އޭގެ މޫނުމަތީ މާނައިގައި ބުނާ ނަމަ ކަރުދާހުގައިވާ ލިޔުމެކެވެ. އަށަގެންފައި އޮތް ސަގާފަތެއްގެ މައްޗަށް މި ލިޔުމަށް ގަދަވެ ގަނެވޭނީ ކިހައި ވަރަކަށް ހެއްޔެވެ؟ މިކަމަށްޓަކައި ކުރެވުނީ ކޮން އިންތިޒާމެއް ހެއްޔެވެ؟ މި އިންތިޒާމު ކުރެވިފައި ނުވާ ނަމަ އާ މަންހަޖުގެ އަބުރު ގެއްލި ރޭރުވެ ރާޑިވެގެން ދިއުމަކީ އޮތްކަމެކެވެ. މަގުސަދުން ދުރު މާނަތަކެއްގެ މައްޗަށް ނަމެއްގައި ކަންކުރެވެން ފެށި އެއީ އުސޫލު ކަމުގައި ބެލެވިއްޖެ ހިނދެއްގައި އާ މަންހަޖުގެ އާކަމުގެ ބޭނުން ކެނޑުނީއެވެ. އާ މަންހަޖު ވެސް ގާވީއެވެ. މިހެން ހީވާން ޖެހޭ ސަބަބުތައް ބައިވަރެވެ. މިސާލެއްގެ ގޮތުން ބަލާއިރު ހަގީގީ މާނަ ނޫން މާނައިގައި ބޭނުން ކުރެވޭ ފަންނީ ބަސްތަކުން އެކަނި ވެސް ފުދެއެވެ. ކޮންޓިނިއުއަސް އެސެސްމެންޓާއި، ސްޓޫޑެންޓް ސެންޓަރޑް ލަރނިން އާއި އެކްޓިވް ލަރނިން ފަދަ ބަސްތައް ގިނަ ސުކޫލުތަކުގައި ޕްރެކްޓިސް ކުރެވެމުން ދަނީ އެ ފަންނުގެ މީހުން މާނަކޮށްފައިވާ ގޮތަށް ނޫންކަން ކަށަވަރުވެއެވެ. އެހެންކަމުން އާ މަންހަޖު ކާމިޔާބު ކުރުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ވަރަށް ވެސް ބުރައެވެ. ކިތަންމެހައި ވެސް ގިނައެވެ.

ޝައްކެއް ނެތް ގޮތުގައި ތައުލީމުގެ މަންހަޖެއް ތަންފީޒު ކުރާނީ މުދައްރިސުންނެވެ. ކުރެވޭނީ ވެސް މުދައްރިސުންނަށެވެ. ސްމާޓް ބޯޑާއި ކޮމްޕިއުޓަރުތަކާއި ފިނިކުރާ މެސިން ތަކަކީ މަސައްކަތުގެ ބައިވެރިންނެވެ. ދަރިވަރުންނަށް ލިބޭނީ މުދައްރިސުންގެ އަތަށް ދިން އެއްޗެކެވެ. މުދައްރިސުންނަށް ބުނެދެވޭނީ މުދައްރިސުންނަށް އެނގޭ އެއްޗެކެވެ. އެހެންކަމުން 21 ވަނަ ގަރުނާ ފައިހަމަ ކުރެވޭނޭ ހަމަތައް ހިމަނައިގެން އެކުލައިވައިފައިވާ އާ މަންހަޖު ކާމިޔާބު ކުރުމަށްޓަކައި މުދައްރިސުންނަށް ދޭންޖެހޭ ސަމާލުކަން ހާސް ގުނަ ބޮޑެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement