ކުޑަކުދިންނަކީ މުޖުތަމައަށްހުރި ނިއުމަތެއް: ސީޕީ ޝިހާން

image ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާން

ކުޑަކުދިންނަކީ މައިންބަފައިންނާއި މުޖްތަމައަށްހުރި ވަރަށްބޮޑު ނިއުމަތެއް ކަމަށް ކޮމިޝަނަރއޮފް ޕްރިޒަންސް އަހުމަދު ޝިހާން ވިދާޅވެއްޖެއެވެ.

ޝިހާން މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސްކަރެކްޝަނަލް ސާވިސްގެ ވެބްސައިޓުގައެވެ.

"ކުޑަކުދިންނަކީ މައިންބަފައިންނަށާއި މުޖްތަމައުއަށް ހުރި ވަރަށް ބޮޑު ނިއުމަތެއް. މައިންބަފައިންގެ ތަރުބިއްޔަތާއި ޕްރީ ސްކޫލުން ފެށިގެން ކުދިންނަށް ދެވޭ ތައުލީމަކީ އެކުދިންގެ މުސްތަގްބަލަށް އެޅޭ ވަރަށް މުހިއްމު އަދި ހަރުދަނާ ބިންގަލެއް،" ޝިހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ބިންގަލަކީ އެ ކުދިން ބޮޑުވެގެން އަންނައިރު ދިރިއުޅުން ބައްޓަންކުރުމާއި، ދާން ބޭނުންވާ މިސްރާބު ޚިޔާރު ކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބިންގަލެއް ކަމަށެވެ. "ނަމަވެސް އަޅުގަނޑުމެންގެ މި މުޖުތަމައުގައި ޕްރީ ސްކޫލް ތަޢުލީމަށް ދެމުންއަންނަ އަހަމިއްޔަތުކަން ހިތްހަމަޖެހޭ ވަރަށްވުރެ ކުޑަ. އެހެންކަމުން އަޅުގަނޑު އެދެނީ ކުޑަކުދިންނަށް ދޭ ތަޢުލީމަކީ ޕްރީ ސްކޫލް ތަޢުލީމުން ފެށިގެން، ހަރުދަނާ ކަމާއެކު ދެމުން ގެންދާ ތަޢުލީމަކަށްވުން،" ކަމަށެވެ.

އެހެންކަމުން ޕްރީ ސްކޫލްގައި ކިޔަވައިދޭ ޓީޗަރުންނަކީ ކަމަށް ޚާއްސަ، މަތީ ކޮލިފިކޭޝަނާއި ތަޖުރިބާހުރި، ހަރު އުމުރެއްގެ ޓީޗަރުންނަށް ވުން ކޮންމެހެން ލާޒިމްކަމަށް ވިދާޅުވެފައިވެއެވެ.

ޝިހާން ވިދާޅުވެފައިވަނީ އާންމު ގޮތެއްގައި ކުދިން ގޯސް މަގު ޚިޔާރުކޮށް ކުށުގެ ވެއްޓަށް ވަދެފައިވަނީ މައިންބަފައިންނާއި އާއިލާގެ ލޯތްބާއި ރަގަޅު ތަރުބިއްޔަތު ނުލިބިގެން ކަމަށެވެ. އަދި ކުޑައިރުއްސުރެ އަޅަންޖެހޭ ހަރުދަނާ ބިންގަލެއް ނޭޅޭ ކުދިން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އެހެންނަމަވެސް އެކުދިންނަށް ހައްގުވާ ލޯތްބާއި ތަރުބިއްޔަތުގެ އިތުރުން ރަނގަޅު ތަޢުލީމީ ބިންގަލާއެކު ބޮޑުވާ ކުދިންނަކީ މުޖުތަމައުގައި ކާމިޔާބީ އާއި ކުރިއެރުން ހާސިލުކޮށް މި ގައުމުގެ މުސްތަގުބަލު އުޖާލާކުރާނެ ކުދިން،" ޝިހާން ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުގެ އުންމީދަކީ ހުރިހާ ފަރާތްތަކެއްވެސް މި ގައުމުގެ މުސްތަގުބަލު ބަނަވިޔަ ނުދީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް އެ ކުދިންނަށް ލޯތްބާއި އިޙްތިރާމާއި އެކު ދިރިއުޅުމުގައި ހަރުދަނާ ބިންގަލެއް އެޅުމަށް މަސައްކަތްކުރުން،" އޭނާ ވިދާޅުވެފައިވެއެވެ.

ޝިހާންވަނީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ކުޑަކުދިންނަށް ފޮނުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...