މަަޝްހޫރު އޭދަފުށި ކަޓުވާލައި ފަރެސްމާތޮޑާ ފައިނަލަށް

image ފަރެސްމާތޮޑާ ޓީމުގެ ބޮންޑާ އަތުން ބޯޅ ހޯދުމަށް އޭދަފުށީ ކުޅުންތެރިއަކު މަސައްކަތް ކުރަނީ

މިނިވަން 50 ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ގދ. ފަރެސްމާތޮޑާ ކަށަވަރު ކޮށްފިއެވެ.

ފަރެސްމާތޮޑާއިން މިޖާގަ ކަށަވަރު ކޮށްފައިވަނީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބ. އޭދަފުށީގެ މައްޗަށް 4-2 ލަނޑުގެ ތަފާތުން ކުރިހޯދައިގެންނެވެ.

އައްޑޫ ފުޓުބޯލް ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖެހީ އޭދަފުށީ ޓީމުންނެވެ. މި ލަނޑު ޖެހީ އެޓީމުގެ ޖަރޒީ ނަންބަރ 15 ޢަބްދުލް މަޖީދު އިބްރާހީމެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ ތިންވަނަ މިނެޓުގައި އެޓީމަށް ލިބުނު ކޯނަރު އޭނާގެ ކޮއްކޮ އިޝާން އިބްރާހީމް ނަގައިދިނުމުން ފަރެސްމާތޮޑާ ގޯލަށް ވައްދައިގެންނެވެ.

ފުޓުބޯޅައަށް މަޝްހޫރު ކުޅުންތެރިން އުފައްދައިފައިވާ މަޝްހޫރު އޭދަފުށި މިލަނޑަށް ފަހު އިތުބާރު ބޮޑުކޮށްފައިވަނިކޮށް ފަރެސްމާތޮޑާގެ ފުރަތަމަ ލަނޑު ވަނީ ޖަހައިފައެވެ. އެ ލަނޑު ޖެހީ 17 ވަނަ މިނެޓުގައ އިހުސާން ޢަލީ (އިޗޫ) އެވެ. އޭނާ އަކީ ފަރެސްމާތޮޑާ ޓީމުގެ ފޯވާޑް އީމާން ޢަލީ (ކުންނާ) ގެ ބޭބެއެވެ. އަނިޔާގެ ސަބަބުން މިއަދުގެ މެޗުގައި ކުންނާ ނުކުޅެއެވެ.

ފަރެސްމާތޮޑާވަނީ ވިހި ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ނަތީޖާ އެމީހުން ކޮޅަށް ބަދަލު ކޮށްފައެވެ. އެހެންނަަމަވެސް އޭގެ ނުވަވަރަކަށް މިނެޓު ފަހުން އޭދަފުށީގެ އިޝާން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ މިނަތީޖާގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން މެޗުގެ 66 ވަނަ މިނެޓުގައި އިޗޫ ވަނީ އޭނާގެ ތިންވަނަ ލަނޑުޖަހައި ހެޓްރިކް ހަދައިފައެވެ. އެޓީމުގެ 4 ވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ މުޙައްމަދު ސައީދު (ލޮޖާ) އެވެ. މިއަދުގެ މެޗުގައި ފަރެސްމާތޮޑާ މޮޅުކޮށް ދިނުމަށް ސަޕޯޓަރުންވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެކަން އެޓީމުގެ ކޯޗު ފަޒީން މުޙައްމަދު ވަނީ ފާހަގަ ކޮށްފައެވެ. މިއަދުގެ މެޗަށް ފަރެސްމާތޮޑާއިން ގާތްގަނޑަކަށް 100 ވަރަކަށް މީހުން ވަނީ އައްޑުއަށް އައިސްފައެވެ.

މެޗަށްފަހު އޭދަފުށީ ކޯޗު މުޙައްމަދު ޒާހިދު (ބައްޓޭ) ބުނީ މެޗުން ބަލިވީ ފިޓްނަސްގެ މައްސަލަ ދިމާވެގެން ކަމަށެވެ. އަދި ދަތުރު ވަރުބަލި ވުމާއި، ކުދިންގެ ރިކަވަރީގެ މައްސަލަތައްވެސް ބަލިވުމުގެ ސަބަބު ތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އޭނާ ބުނީ ފަރެސްމާތޮޑާ ޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ އެޓީމަށް ކުޅޭ ބޭރުގެ ކުޅުންތެރިން ކަމަށެވެ. މިފަދަ މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދީތީ ބައްޓޭވަނީ ފަރެސްމާތޮޑާއަށް މަރުހަބާ ކިޔައިފައެވެ.

މިއަދުގެ މެޗުން އޭދަފުށި ބަލިވުމުން އެޓީމް ދެން ކުޅޭނީ ތިންވަނަ ހޮވާ މެޗެވެ. އެމެޗުގައި އޭދަފުށްޓާ ބައްދަލުކުރާނީ ސެމީގެ ދެވަނަ މެޗުގައި މާދަމާ ބައްދަލުކުރާ ފޭދުއާއި ފޯކައިދޫގެ މެޗުގެ ތެރެއިން ބަލިވާ ޓީމަކާ އެވެ. މޮޅުވާ ޓީމް ބައްދަލު ކުރާނީ ފައިނަލުގައި ފަރެސްމާތޮޑާއާއެވެ.

ސެމީގެ ދެވަނަ މެޗުގައި ފޯކައިދުއާއި، ފޭދޫ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 3.45 ގައެވެ. މެޗު އޮންނާނީ އައްޑޫ ފުޓުބޯލް ސްޓޭޑިއަމުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް