މިއަދު ނުކުންނާނީ ފުޓުބޯޅައިން ފަރެސްމާތޮޑާ މަޝްހޫރު ކުރުމަށް: ކުޅުންތެރީން

image ފަރެސްމާތޮޑާ އެމީހުންގެ ފަހު ފަރިތަކުރުންތަކުގައި: ފޮޓޯ މުސްލިމް

މިނިވަން 50 ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ފޭދުއާ ދެކޮޅަށް މިއަދު ނުކުންނާނީ ފުޓުބޯޅައިން ރާއްޖޭގައި ފަރެސްމާތޮޑާ މަޝްހޫރު ކުރުމުގެ ރޫހުގައި ކަމަށް އެޓީމުން ބުނެފިއެވެ.

"މީގެ ކުރިން ފަރެސްމާތޮޑާ އަކީ އޮންނަ ރަށެއް ކަމެއް ބަޔަކަށް ނޭނގެ. އެހެންނަމަވެސް ފަރެސްމާތޮޑާއަށް ފުލުހުން އެރިފަހުން އެއީ އޮންނަ ރަށެއްކަން އެނގި މަޝްހޫރުވި. އެ ފަހަރު މަޝްހޫރުވީ ބޭނުންވާ ގޮތަކަށް ނޫން. މިފަހަރު ބޭނުންވަނީ ފުޓުބޯޅައިން ރާއްޖޭގައި ފަރެސްމާތޮޑާ މަޝްހޫރު ކޮށްލަން،" އެ ޓީމުގެ ގިނަ ކުޅުންތެރިންގެ ބަހަކީ މިއެވެ.

ފަރެސްމާތޮޑާ ޓީމުގެ ކެޕްޓަން އަޙުމަދު ޝުޢައިބު (ޝީޓޭ) ބުނީ "އިރާދަ ކުރެއްވިއްޔާ ދަނޑުން ފައިބާނީ މޮޅުވެގެން. ފޭދޫ ބަލި ކުރުމަކީ ނުވާނެ ވަރުކަމެއް ނޫން. މި މެޗު ކުޅުމަށްޓަކައި އަޅުގަނޑުމެންވަނީ އެތައް މެޗެއް ކުޅެފައި. އެތައް ވަގުތެއް ހޭދަ ކޮށްފައި. އެހެން ކަމުން މި މެޗުން ބަލިވުމަކީ ހަމަ ހިލާ ބޭނުންވާ ކަމެއް ނޫން. މިއީ މުޅި ޓީމުގެވެސް ރޫހު ހުރިގޮތް،"

ފަރެސްމާތޮޑާ ކޯޗު ފަޒީން މުހައްމަދު ބުނީ މިއަދަކީ އެޓީމަށް މުހިންމު ދުވަހެއް ކަމަށެވެ. އެއީ މިފަދަ މުބާރާތެއްގެ ފައިނަލް ކުޅެން ފުރުސަތު ލިބުމެވެ. އެހެން ކަމުން އައްޑޫގައި އައްޑޫ ޓީމަކާ ކުޅެގެން ހުވަދުއަތޮޅަށް ތަށި ގެންދިޔުމަކީ މުޅި ޓީމުގެވެސް ރޫހު ކަމަށެވެ. "މި މުބާރާތުގެ ފައިނަލް ކުޅުމުގެ ފުރުސަތު މިވަނީ ލިބިފައި. މިމެޗުން ބަލިވެއްޖެނަމަ މުޅި މުބާރާތުގައި ކުޅުނު މެޗުތައް ބޭކާރުވީ. އެހެން ކަމުން މިއަދުގެ މެޗަށް ނުކުންނާނީ ފޭދު ބަލިކޮށް ތަށި އުފުލާލުމުގެ އަޒުމުގައި،" ފަޒީން ބުންނެވެ.

ފޭދޫ ޓީމުން ބުނެފައިވަނީ ފަރެސްމާތޮޑާއަކީ މޮޅު ޓީމަކަށްވިޔަސް އެ ޓީމު ބަލިކޮށް ތަށި އުފުލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެޓީމުން ބުނެފައިވަނީ މިއަދުގެ މެޗަށް އެޓީމް ނުކުންނައިރު ދިމާވެފައިވާ މައްސަަލައަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު ސައީދު (އައްމަޓީ) އަށް ނުކުޅެވުމުގެ މައްސަލަ ކަމަށެވެ. އެހެންނަމަވެސް އޭނާ ނެތްތަން ފޫބައްދައިދޭނެ ކުޅުންތެރިން ޓީމުގައި އެބަތިބި ކަމަށްވެސް ބުނެފައިވެއެވެ.

މިއަދުގެ މެޗަކީ ފޯރިގަދަ ބަލައިލަން ކަމުދާ މެޗަކަށް ވާނެ ކަމަށް ދެ ޓީމުންވެސް ބުނެފައިވެއެވެ. މި މުބާރާތުގައި 14 މެޗު ކުޅެފައިވާއިރު ފަރެސްމާތޮޑާ ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ މިއަދުގެ ފައިނަލަށް ނުކުންނައިރު އެޓީމަށް އޮތް ވަރަށް ބޮޑު އިތުބާރެކެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...