ފެތުމުގެ ދެވަނަ މުބާރާތް އައްޑޫގައި

image

ސްވިމިން އެސޯސިއޭޝާނުން އިންތިޒާމް ކޮށްގެން ބާއްވާ ފެތުމުގެ ދެވަނަ މުބާރާތް މިމަހު 11 ވަނަދުވަހުގައި އައްޑޫގައި ފަށާނެއެވެ.

މޯލްޑިވްސް ސްވިމިން އެސޯސިއޭޝަންގެ ނާއިބު ރައީސް އިސްމާއީލް އަލީ ވިދާޅުވީ މުބާރާތް އޮންނާނީ އައްޑޫސިޓީ ހިތަދޫ ސްވިމިން ޓްރެކްގައި ކަމަށެވެ.

މި މުބާރާތް ކުރިއަށް ގެންދާނީ މިމަހުގެ 11 އިން 14 އަށެވެ. މިއީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވައިގެން ބާއްވާ މުބާރާތެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސްކޫލްތަކުގެ އިތުރަށް މިމުބާރާތުގައި މިހާތަނަށްވަނީ މާލޭގެ ތިން ސްކޫލަކުން ބައިވެރިވެފައެވެ.

މިއީ ދެ ޖިންސަށްވެސް ހުޅުވައިލައިގެން ބާއްވާ މުބާރާތެކެވެ. މުބާރާތުގައި 5 އުމުރު ފުރާއަކުން ވާދަކުރެއެވެ. އެއީ 12 އަހަރުންދަށާއި، 14 އަހަރުންދަށާއި، 16 އަހަރުންދަށާއި، 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. އޭގެ އިތުރަށް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ވަނީ ބައިވެރިވެވޭ ގޮތަށް ހުޅުވައިފައެވެ.

މިމުބާރާތް ފެށުމުގެ ގޮތުން ފުރަތަމަ އޮންނާނީ މުބާރާތުގެ ބައެއް ކަމަށްވާ "ކިޑްސް ސްވިމިން ފެސްޓިވަލް" އެވެ. ކުރިން މިމަހު 9 އިން 10 ބާއްވަން ހަމަޖެހިފައިވާ މި ފެސްޓިވަލްވަނީ 11 ވަނަ ދުވަހަށް ބަދަލު ކޮށްފައެވެ. އެފެސްޓިވަލުގައި ބައިވެރި ކުރަނީ 10 އަހަރުން ދަށުގެ ކުދިންނާއި، 8 އަހަރުން ދަށުގެ ކުދިންނާއި، 6 އަހަރުން ދަށުގެ ކުދިންކަމަށް އިސްމާއީލް އަލީ ވިދާޅުވިއެވެ.

މި ފެސްޓިވަލަށްފަހު މުބާރާތުގެ އެހެން ބައިތައް ކުރިއަށްގެންދާނީ 12 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...