ބޮލުގައި ދެ ދަޅު ފަޅާފައި ހުރި މީހަކު ދުބާއީއަށް ނާރުވާ ފޮނުވާލައިފި

image

ބޮލުގައި ދެ ދަޅު ފަޅާފައި ހުރި މީހަކު ދުބާއީއަށް އެރުން މަނާކޮށްފިއެވެ.

ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވަނީ ހަށިގަނޑުގެ އެންމެ ގިނަ ތަންތަނުން ތޮރުފުމުގެ ވޯލްޑް ރިކޯޑު 2012 ވަނަ އަހަރު ކާމިޔާބުކޮށްފައިވާ މީހާއެވެ. ޖަރުމަނު ވިލާތަށް ނިސްބަތްވާ ރޮލްފް ބުޗޮލްސް، 53 ގެ ހަށިގަނޑުގެ 453 ތަނަކުން ތޮރުފާފައިވެއެވެ. އޭނާ ނިއްކުރީގައި ހުރި ދެ ދަޅަކީ ސާޖަރީ ހަދައިގެން ޖަހާފައި ހުރި ދެ ދަޅެވެ.

ރޮލްފު ފެނުމުން ބިރުގަންނަ މީހުންވެސް އުޅެއެވެ. އެހެން ނަމަވެސް އޭނާދެކެ ގައުމެއްގެ ސަރުކާރުން ބިރުގަންނާނެކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ.

ހީ ނުކުރާކަންތައްތަކާއި ވެސް  ބައެއް މީހުންނަށް ކުރިމަތިލާންޖެހެއެވެ. އިއްޔެ އަކީ ރޮލްފުއަށް އެކަން ކަށަވަރުވީ ދުވަހެވެ. އެއީ އޭނާ ދުބާއީއަށް ޗުއްޓީ ހޭދަކުރަން ދިއުމުން އެގައުމަށް ނޭރުވުމުންނެވެ. ދުބާއީ ސަރުކާރުން ވަނީ އެނާ އެއާޕޯޓުން ހިފަހައްޓައި ވަގުތުން ގެންގޮސް ފްލައިޓަކަށް އެރުވައިފައެވެ. އެއަށްފަހު އޭނާ ވަގުތުން އެމަޖަންސީގައި އިސްތަންބޫލަށް ފޮނުވައިލިއެވެ. މިކަން ވެގެން ދިޔައީ ރޮލްފާއި އޭނާގެ އެކުވެރިންނަށް ވަރަށް ހައިރާންކުރަނިވިކަމަކަށެވެ.

މިހެންކަމުން އޭނާ ދުބާއީއަށް ނާރުވާ ފޮނުވާލީ ކީއްވެތޯ ސާފުކުރުމުގެ މަސައްކަތް އޭނާ ފެށިއެވެ. އެންމެ ފަހުން ކަށަވަރު ކުރެވުނުގޮތުގައި އޭނާ ދުބާއީން ފޮނުވައިލީ "ސިހުރު" ހަދާމީހެއް ކަމަށް ހީކޮށެވެ.

"އަހަރެން ދެން ދުވަހަކުވެސް ދުބާއީއަކަށް ނާރާނަން. އެމީހުންނަށް ހީކުރަނީ އަހަރެންނަކީ ސިހުރު ހަދާމީހެއް ކަމަށް،" ރޮލްފު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް