ކޮމަންވެލްތުން ވަކިވުމަށް ކުރީގެ ރައީސް މައުމޫން ގޮވައިލައްވައިފި

image ކުރީގެ ރައީސް މައުމޫން

ކޮމަންވެލްތުން ރާއްޖޭގެ ދާޚިލީކަންކަމުގެ ތެރެއަށް ވަދެ އެމީހުން ބޭނުންވާ ގޮތަކަށް ރާއްޖޭގެ ކަންކަން ކުރަން އުޅޭ ކަމަށް ވިދާޅުވެ އެޖަމާއަތުން ވަކިވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަބުރަށް ތައްޔާރުވުމަށް ކުރި ކެންޕޭން ނިންމުމަށް ކާނިވާ ސަރަހައްދުގައި ޕީޕީއެމް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މައުމޫން ވިދާޅުވީ ކޮމަންވެލްތުގައި ރާއްޖެ ބައިވެރި ކުރުމުގައި އެންމެ އިސް މަސައްކަތެއް ކުރެއްވީ އެމަނިކުފާނު ކަމަށް މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު އަރިހުގައި ދެންނެވި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ކޮމަންވެލްތުގައި ބައިވެރިވީ އެޖަމާއަތުގެ އޭރުގެ ސިޔާސަތު ރަނގަޅުވުމުން ކަމަށެވެ. އަދި ކުދިގައުނުތަކަށް އެޖަމާއަތުން އެކިގޮތްގޮތުން އެހީތެރިވަމުންދާތީ ކަމަށެވެ. ކޮމަންވެލްތުގައި ބައިވެރިވުމުން ރާއްޖެއަށް ފައިދާކުރި ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު ހާލަތު މުޅިން ބަދަލުވެއްޖެ. އަޅުގަނޑުމެންނަށް ކޮމަންވެލްތުން ލިބޭ މާ ބޮޑު ފައިދާއެއް ނެތޭ. ކޮމަންވެލްތުން އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތަކާ ބެހެނީއޭ. އަޅުގަނޑުމެންގެ ސިޔާސަތުތަކާ ކުޅެނީއޭ،" ރައީސް ވަހީދާ ވާހަކަ ދައްކަވަމުން ވިދާޅުވި ކަމަށް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ ރާއްޖެ ބޭނުންވެގެން އުޅޭ އެކި ފަރާތްތަކަށް އެހީތައް ދީގެން ރާއްޖޭގައި ހަމަނުޖެހުން ހިންގާވާހަކަވެސް ދެއްކެވި ކަމަށެވެ. އެހެންކަމުން މިހާރު ބޭނުންވަނީ ކޮމަންވެލްތުން ވަކިވާން ކަމަށްވެސް ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ މިފަދަ ކޮންމެ ޖަމާއަތެއްގައިވެސް ދެން ރާއްޖެ ބައިވެރިވާންވާނީ އެޖަމާއަތަކުން ރާއްޖެއަށް ފައިދާ ލިބޭކަމަށްވާނަމައެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމްކުރާ ޖަމާއަތްތަކާ ކަމަށްވެސް ވިދާޅުވިއެވެ. މިނޫން އެހެން ގޮތަކަށް ބޭރުގެ މިފަދަ ޖަމާއަތަކާ ގުޅުމުގެ މާނައެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ރައީސް ވަހީދުގެ ވެރިކަމުގެ ދައުރުވެސް މިހާރު ހަމަވެފައިވާތީ އެމަނިކުފާނަށް މިކަން ނުކުރެވުނަސް ރާއްޖޭގެ ވެރިކަމަށް ދެން ވަޑައިގަންނަވާ ބޭފުޅަކު ކޮމަންވެލްތުން ރާއްޖެ ވަކިވުމުގެ ފިޔަވަޅުތައް އެޅުމަށް އެމަނިކުފާނު އަދިވަޑައިގެންނެވިއެވެ.

މައުމޫން ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއަށްވެސް ބޭރުގެ ބައެއް ސަފީރުން ވަންނަކަމަށެވެ. އެގޮތުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރާ ވެސް އެމީހުން ބައްދަލު ކުރައްވާ ކަމަށެވެ. ޝަރުއީދާއިރާއަކީ ސިޔާސީ ދާއިރާއަކަށް ނުވާތީ ބޭރުގެ ފަރާތްތަކުން ފަނޑިޔާރުންނާ ދައްކަން ޖެހޭނެ ވާހަކައެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :