ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި

image ޢަބްދުﷲ ޔާމީން

ރާއްޖޭގައި މިއަދު ބޭއްވި ރިޔާސީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަގުތީ ނަތީޖާ އަދި އިއުލާން ކޮށްފައި ނުވިޔަސް މީޑިއާއަށް ލިބިފައިވާ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމް ކެންޑިޑޭޓަށް ލިބިވަޑައިގެންފައިވަނީ 110206 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 51.25 އިންސައްތައެވެ. އެމަނިކުފާނާ ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 104832 ވޯޓެވެ. އެއީ ވޯޓުލީމިހުންގެ 48.75 އިންސައްތައެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރައްވާނީ މިރޭ ދަންވަރު 1.00 ގައެވެ. ދާއިމީ ނަތީޖާ އިއުލާން ކުރައްވާނީ މާދަމާ ހެނދުނު ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަ ކުރައްވާފައެވެ.

މިއިންތިޚާބު ޔާމީން ކާމިޔާބު ކުރެއްވުމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނު އިންތިޚާބުން ބަލިވެއްޖެ ކަމަށް ގަބޫލުކުރައްވައި ޔާމީނަށް މަރުހަބާ ވިދާޅުވެފައެވެ.

މިފަހަރުގެ އިންތިޚާބު ޕީޕީއެމް އިން ކާމިޔާބު ކުރެއްވީ އެމްޑީޕީއާއި، ޑީއާރުޕީ ފިޔަވައި ސިޔާސީ އެހެން ހުރިހާ ޕާޓީތައް އެއްގަލަކަށް އަރައިގެންނެވެ. މިއަދު ބޭއްވި އިންތިޚާބުން ޔާމީން ވަނީ ރައީސް ނަޝީދަށް ކުރިން މެޖޯރިޓީ ލިބިވަޑައިގެންނެވި ވަރަށްގިނަ ދާއިރާތަކުން މެޖޯރިޓީ ހޯއްދަވާފައެވެ.

އަލަށް ރައީސް ކަމަށް ހޮވިވަޑައިގެންނެވި ރައީސް މުންތަޚަބު އަބްދުﷲ ޔާމީން ހުވައި ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10.30 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުންވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :