ރައްޔިތުންނާމެދު ހަމަހަމަ އުސޫލުން ކަންކަން ކުރާނަން: ޔާމީން

image ރައީސް ޢަބްދުﷲ ޔާމީން

ޕީޕީއެމް ކޯލިޝަންގެ ސަރުކާރުގައި ހަމަހަމަކޮށް ރައްޔިތުންނާމެދު ކަންކަން ކުރައްވާނެ ކަމަށް ރައީސް މުންތަޚަބު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވުމަށް ފަހު ނަސަންދުރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދުމަތް ކޮށްދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ނާއިބު ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ޕީޕީއެމްގެ ރައީސުން ކަމަށް ވެވަޑައި ނުގަންނަވާނެ ކަމަށެވެ. އެބޭފުޅުންވެ ވަޑައިގަންނަވާނީ ރައްޔިތުންގެ ރައީސުންނަށް ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށާއި، ކޯލިޝަންގެ ބައިވެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނަށް ވޯޓު ނުދެއްވާ ރައްޔިތުންނަށްވެސް ހައްގު ޝުކުރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. އެޝުކުރު އެފަރާތްތަކަށް އަދާ ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވުމަށްވެސް އެދި ވަޑައިގެންނެވިއެވެ. ސަރުކާރު ކާމިޔާބު ކަމާއެކު ހިންގޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރު ލެއްވުން ވެސް ލިބިގެން ކަމަށް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ގައުމަށް ޚިދުމަތް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ. އެފަދަ އެހީތެރިކަން ދެއްވާނެ ކަމަށް މެންބަރުން ވިދާޅުވެފައި ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ރައީސް ނަޝީދު މެދުވެރިވެ ވަޑައިގެން މަޖިލީހުގެ ތެރެއިން އެއްބާރު ލެއްވުން ލިބިވަޑައި ގަންނަވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމުގައި އެއްވެސް މީހަކާ މެދު ބަދަލު ހިފުމުގެ ރޫހެއް ނުގެން ގުޅުއްވާނެ ކަމަށެވެ. ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ ބޭފުޅުންނާ ކުރިމަތި ލެއްވުމުގެ ބަދަލުގައި އެމަނިކުފާނު މަސައްކަތް ކުރައްވާނީ ގައުމުގައި ހުރި ބޮޑެތިކަންކަން އިސްލާހު ކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު މިހާރުވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށެވެ. އެހެން ކަމުން އެހާލަތުގައި އެމަނިކުފާނު ނަންގަވާނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށްވެސް ވިދާޅުވިއެވެ. އަދި މިއަދު ކެބިނެޓް އިއުލާން ކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިގްތިސާދީ ދާއިރާތަކަށްވެސް މިއަދު މިނިސްޓަރުން އައްޔަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކުލަވާލައްވާނީ މަތިބަރުނޫން ލުއިސަރުކާރެއް ކަމަށެވެ. ވަރަށް ގާބިލް ބޭފުޅުންވެސް އެމަނިކުފާނުގެ އަރިއަހުގައި އެބަތިއްބެވި ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. ޒުވާނުންގެ ވޯޓާ ނުލައި އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން އެމަނިކުފާނުންވެސް ޒުވާނުން ބަލައިގަންނާނެ ކަމަށް ވިދާޅުވިއެވެ.

ރޭ މެންދަމު އިލެކްޝަންސް ކޮމިޝަނުންވަނީ އިންތިޚާބުގެ ދެވަނަބުރުގެ ވަގުތީ ނަތީޖާ އިއުލާން ކުރައްވާފައެވެ.

އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 111،203 ވޯޓެވެ. އެއީ 51.39 ޕަސެންޓެވެ. މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 105،181 ވޯޓެވެ. އެއީ 48.61 ޕަސެންޓެވެ. ސައްހަ ވޯޓުގެ ޖުމްލައަކީ 216،384 ވޯޓެވެ. އެއީ 98.8 ޕަސެންޓެވެ. ބާތިލު ވޯޓުގެ ޖުމްލައަކީ 2،237 އެވެ. އެއީ 1.02 ޕަސެންޓެވެ. ޖުމްލަ ވޯޓުގެ އަދަދަކީ 218،621 ވޯޓެވެ. ވޯޓު ލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ޖުމްލައަކީ 239،165 މީހުންނެވެ.

އިލެކްޝަނުން ހާމަކުރައްވާފައިވާ ގޮތުގައި ދާއިމީ ނަތީޖާ މިއަދު ހެނދުނު އިއުލާން ކުރައްވާނެ ކަމަށެވެ. އާރައީސް ހުވައި ކުރައްވާނީ ހެނދު 10.30 ގައި ކަމަށްވެސް މަޖިލީހުންވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :