ބަލިގަބޫލު ކޮށްފިން، ބަލިވީ އެހެންބަޔަކު ސަރުކާރު ހިންގަން ރައްޔިތުން ރުހޭތީ: ރައީސް ނަޝީދު

image ރައީސް ނަޝީދު

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަބުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވުމުން އެމަނިކުފާނު ބަލި ގަބޫލު ކުރައްވައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އިންތިޚާބުން އެމަނިކުފާނު ބަލިވީ އެހެން ބަޔަކު ސަރުކާރު ހިންގަން 5000 ރައްޔިތުން ރުހުމުން ކަމަށެވެ. "އެފަސްހާސް ރައްޔިތުން އެގޮތަށް ރުހުނީ ކޮންސަބަބުތަކާ ލައިގެންތޯ، އެއީ އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންގެ ޕާޓީ އިށީނދެ ފުންކޮށް ވިސްނާ އެކަމާދޭތެރޭ ނިންމަންޖެހޭނެ ކަންތައް،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއިންތިޚާބުން ބަލިވިކަމަށް "ވަރަށް އިޚުލާސްތެރި" ކަމާއެކު ގަބޫލު ކުރައްވާ ކަމަށެވެ. އެމަނިކުފާނުގެ ސިޔާސީ ކުރިމަގާމެދު ވިދާޅުވީ އެމްޑީޕީއާއެކު އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަބަދުވެސް ޕާޓީއާއެކު ހުންނަވާނެ ކަމަށެވެ. "އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަބަދުވެސް އަޅުގަނޑަށް ލިބޭ އުފަލަކަށްވާނެ،" ކަމަށްވެސް ވިދާޅުވިއެވެ.ރާއްޖޭގައި 2018 ވަނަ އަހަރު ބާއްވާ އިންތިޚާބުގައި ވާދަކުރައްވާނަންތޯ ނޫސްވެރިއަކު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އެވާހަކަ ދައްކަން އަދި މާއަވަސް ކަމަށެވެ. އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ ރިޔާސީ ޕްރައިމެރީގައި ވާދަކޮށް އެއިން ކާމިޔާބު ހޯއްދަވައިގެން ކަމަށްވެސް ވިދާޅުވިއެވެ. އިންތިޚާބުގައި ބައިވެރިވާން އެމަނިކުފާނު ބޭނުން ވިޔަސް އެކަންވާނީ އެކަށީގެންވާ ވަގުތުގައި އެމްޑީޕީގެ މެންބަރުން އެކަން އެގޮތަށް ނިންމައިގެން ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ވާންޖެހޭނީ ދައުލަތަށް އިޚުލާސްތެރި ސިޔާސީ ވާދަވެރި ޕާޓީއަކަށް ކަމަށެވެ. ދައުލަތާ ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސް ކަމެއް ވާދަވެރި ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެ ކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް މިއޮތީ ފުރުސަތެއް ލިބިފައި މުޅިދިވެހިރާއްޖެއަށްވެސް މިރާއްޖޭގެ ރައްޔިތުންނަށް ދެއްކުން ވާދަވެރި ސިޔާސީ ޕާޓީއެއް ހަރަކާތްތެރިވާ ގޮތް. އަދި ވާދަވެރި ސިޔާސީ ޕާޓީއެއްގެ އަމަލުތައް ބަހައްޓަންވާ ގޮތް. އަޅުގަނޑުގެ ވަރަށް ބޮޑު މަސައްކަތަކަށްވާނެ އެމްޑީޕީއަކީ ދައުލަތަށް އިޚުލާސްތެރި ވާދަވެރިސިޔާސީ ޕާޓީއެއްގެ ގޮތުގައި ކުރިއަށް ގެންދިޔުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި މިގޮތަށް ދިމާވިޔަސް އަންނަ އަހަރު ބާއްވާ ރައްޔިތުންގެމަޖިލީހުގެ އިންތިޚާބުގައި އަޣުލަބިއްޔަތު ހޯއްދެވުމަށް އެމްޑީޕީން މިފަހަރުކުރި ވަރުގެ ބުރަމަސައްކަތް ކުރައްވާނެ ކަމަށް ކަށަވަރު ކަމަށެވެ. އެމްޑީޕީން ކެންޕޭން ކުރަމުންދާ އުސޫލާއެއްގޮތަށް މަސައްކަތް ކޮށް މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިއްތިހާދަކުން ސަރުކާރު ހިންގަން އަދިވެސް ދަތިވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އިއްތިހާދުގެ ސަރުކާރަކީ ބަރުލަމާނީ ނިޒާމުގެ އުސޫލެއް ކަމަށްވެސް ވިދާޅުވިއެވެ. ނީޒާމް ބަދަލު ނުވެ އެފަދަ ސަރުކާރެއް ހިންގަން ވަރަށް ދަތިވާނެ ކަމަށްވެސް ވިދާޅުވިއެވެ. ވަޒީރުންގެ މަޖިލީހުގައިވެސް ވަރަށް ބޮޑަށް ޚިލާފު އުފެދޭނެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސަކަށް ހުންނަވާ ބޭފުޅަށްވެސް ދަތިކަންތައް ދިމާވާނެ ކަމަށް ވިދާޅުވިއެވެ.. ޕީޕީއެމްއަށް ކާމިޔާބު ލިބުނީ ގާސިމްގެ ސަބަބުންތޯ ނޫސްވެރިއަކު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އެވޯޓު ހޯއްދެވީ ރައީސް މައުމޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ރައީސް މައުމޫންގެ ފިކުރާއި އަދި ދިގު ތިރީސްއަހަރު މިރާއްޖޭގެ ރައްޔިތުންނަށް އެވެރިކަމުގެ ކަންކަމާ ގުޅިގެން އެއޮތް ތާއީދެއް އެމިންވަރުގައި ހިފަހައްޓާފައި އެވަނީ. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި އެއީ މާބޮޑަށް ބައިބައިވެގެން ކޮންމެހެންވީ ތާއިދެއްނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމް ދެވަނަބުރަށް ދިޔައިރު ހައްތާވެސް ތިބީ އެމްޑީޕީއަށް ވޯޓު ނުދޭމީހުން ކަމަށެވެ. އަދި ފުރަތަމަ ބުރުގައި އެމަނިކުފާނަށް ވޯޓުދިން މީހުން ކަމަށެވެ. އެމަނިކުފާނަށް ވޯޓު ނުދިން ފަރާތްތައް އޮތޯ ދެބަޔަކަށް ބެހިގެން ގޮސްފައި ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ދެވަނަބުރަށް އައިއިރުގައި އެދެބައިއޮތީ އެއްވެފައި ކަަމަށެވެ. "މިލިބެކީ ޕީޕީއެމްއަށް ފުރުސަތެއް. އެހެން ނަމަވެސް މިފުރުސަތު ހޯއްދެވުުމުގައި އެމީހުން ވަރަށްގިނަ ޕާޓީތައް ބައިވެރި ކުރައްވައިފި،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމްއިން ވެފައިވާ ވައުދުތައް ފުއްދަން ޖެހޭނެ ކަމަށެވެ. އެވައުދުތައް ފުއްދާ މިންވަރު ބެލުމަށް ފާރަވެރިވެ ތިބުމަކީ އެމްޑީޕީގެ ވާޖިބެއް ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީން އެކަން ކުރައްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް މިވަގުތު ސިޔާސީ ހަލަބޮލިކަމެއް އަންނަން އެމަނިކުފާނު ބޭނުންފުޅުނުވާ ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ހަމަޖެހުމާއެކު ރާއްޖޭގެ ކަންކަން އޮތުން ކަމަށްވެސް ވިދާޅުވިއެވެ. ޕީޕީއެމްގެ ވެރިކަމެއްގައި ރައީސް ނަޝީދަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ވެދާނެތީ ކަންބޮޑުވެ ވަޑައިގަންނަވާތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އެފަދަ ކަންކަމަކީ އެމަނިކުފާނު އެއްވެސް އިރެއްގައި ވިސްނަވައި އުޅުއްވި ކަންކަމެއް ނޫންކަމަށެވެ. އެއިރެއްގައި ވަޑައިގަންނަވަން ޖެހުނު ކޮންމެތަނަކަށް ވަޑައިގެންނެވުމަށް އަބަދުވެސް ހުންނަވާނީ ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ. "އެކަމަށް އެއްވެސް ޝަކުވާއެއް ނޯންނާނެ" ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :