ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ޔާމީން ކުރައްވައިފި

image ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވައި އަބްދުﷲ ޔާމީން ކުރައްވަނީ: ފޯޓޯރައީސް އޮފީސް

ކުރިއަށްއޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ރައްޔިތުން އިއްޔެ އިންތިޚާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވައި މިއަދު ކުރައްވައިފިއެވެ.

އެމަނިކުފާނުގެ ނާއިބު ޑޮކްޓަރ މުހައްމަދު ޖަމީލް އަހްމަދުވެސް މިއަދުވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމުގެ ޤާނޫނީ ހުވައި ކުރައްވާފައެވެ.

މިދެބޭފުޅުން މަގާމުގެ ހުވައި ކުރެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު 1.00 ގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސް ޔާމީނާއި ނާއިބު ރައީސް ޑރ. ޖަމީލް މަގާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހްމަދު ފާއިޒު ހުސައިނެވެ.ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރެއްވުމާ ވިދިގެން، 21 ބަޑީގެ ސަލާމެއް އެމަނިކުފާނަށް އެރުވުނެވެ. އަދި ގައުމީ ސަލާމް ކުޅުނެވެ. އަދި ޤާނޫނީ ހުވާގެ ލިޔުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުހައްމަދު ޖަމީލް އަޙްމަދު ސޮއިކުރެއްވިއެވެ.

މި ދެލިޔުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒު ޙުސައިނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ސޮއިކުރެއްވިއެވެ.މިރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ދެރައީސުން ކަމަށްވާ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :